ޙައްޖާއި ޢުމްރާގެ އުސޫލުތައް ކަނޑައަޅައިދޭ ބިލުގެ މަސައްކަތް ނިންމާ، ބަންޑާރަ ނައިބު އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފިއެވެ. މިބިލަކީ ޙައްޖާއި އުމުރާގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން މީހުން ގެންދިއުމުގެ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ހައްޖާއި އުމްރައާ ގުޅޭ އުސޫލްތައް ކަނޑައެޅުމަށްޓަކައި ހުށަހަޅާ ބިލެކެވެ.
މިބިލްގައިވާ ގޮތުން ރާއްޖޭގައި ޙައްޖަށް ގެންދިއުމުގެ ހުއްދަ ދެވޭނީ ޙައްޖާއި އުމްރާގެ ޚިދުމަތްދޭ ސަރުކާރުގެ ކުންފުނީގެ އިތުރުން، ޤާނޫނުގެ ދަށުން ހުއްދަ ދޭ އަމިއްލަ ވިޔަފާރިތަކަށެވެ.
މިބިލްގައި ޙައްޖު ކޯޕަރޭޝަންގެ މަސްއޫލިއްޔަތުތަކާ، އެޚިދުމަތް ހަރުދަނާކޮށް ވީހާވެސް ހެޔޮ އަގުގައި ޚިދުމަތް ދިނުމަށް ޙައްޖާއި އުމްރާގެ ފަންޑެއް ޤާއިމުކުރުމާއި، އެ ފަންޑަށް ޖަމާކުރާފައިސާ އިންވެސްޓް ކުރުމާގުޅޭ އުސޫލުތައް ހިމަނާފައިވެއެވެ.
އަދި ޙައްޖާއި އުމްރާގެ އަޅުކަމަށް ގެންދަން ކުންފުނިތަކަށް ހުއްދަ ދިނުމާއި، ހުއްދަ ހިފެހެއްޓުމާއި ހުއްދަ ބާތިލުކުުމުގެ އުސޫލުވެސް ހިމަނާފައިވެއެވެ. އަދި ޙައްޖާ އުމްރާއަށް މީހުން ގެންދިއުމުގައި ދިނުމަށް ލާޒިމް ޚިދުމަތްތަކާ، އިންތިޒާމްތަކުގައި ހުންނަޖެހޭ މިންގަނޑުތައް ކަނޑައެޅުމާ، ފައިސާ ނެގުމުގެ އުސޫލުތަށް ކަނޑައަޅާފައިވެއެވެ.
އަދި އިސްލާމިކް މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ އިތުރުން ޤާނޫނާ ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ އުސޫލްތައްވެސް ހިމަނާފައިވެއެވެ.


