ސިޔާސީ ޕާޓީތަކުގެ ދަފްތަރާއި ގުޅޭ ޝަކުވާ ހުށަހެޅުމާބެހޭ އުސޫލު އާންމުކޮށްފި

ޚަބަރު ފަހުގެ ސިޔާސީ

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތްތަކުގެ ފޯމު ދަފްތަރު ކުރުމުގެ ކުރިން، އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހެޅިފައިވާ ފޯމުތަކަކީ ޞައްޙަ ފޯމުކަމުގައި ކަށަވަރު ކުރުމަށްޓަކައި ޝަކުވާ ހުށަހެޅުމާބެހޭ އުސޫލު އާންމުކޮށްފިއެވެ.

ސިޔާސީ ޕާޓީގެ ގަވާއިދަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގެ ޖަދުވަލު 8 ގައި މި އުސޫލު ވަނީ އާންމުކޮށްފައެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން ސިޔާސީ ޕާޓީގައި ދަފުތަރު ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމުތަކާއެކު ފޮނުވާ ލިސްޓު، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމު ކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި މިގޮތުން އާންމުކުރާ ލިސްޓުގައި މެންބަރަކަށް ވުމަށް އެދި ހުށަހަޅައިފައިވާ ފަރާތުގެ ފުރިހަމަ ނަމާއި، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަކުރާއި، ދަފުތަރު ކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ޕާޓީގެ ނަން ހިމަނަންވާނެކަމަށް ބަޔާން ކޮށްފައިވެއެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި އެ މަޢުލޫމާތު ހިމަނައިގެން ޕާޓީގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގައި، މެންބަރަކަށް ވުމަށް އެދޭ ފަރާތުގެ ފޯނު ނަންބަރުކަމަށް ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް އިލެކްޝަންސް ކޮމިޝަނުން އެ ފަރާތް ސިޔާސީ ޕާޓީއަކަށް ވެއްދުމަށް އެދި ހުށަހަޅައިފައިވާކަން ބަޔާންކޮށްދޭ މެސެޖެއް ފޮނުވަން ޖެހެއެވެ. އަދި އެ މެސެޖަށް 7 ދުވަހުގެ ތެރޭގައި އެ ފަރާތުން ޖަވާބު ދޭންވެސް ޖެހެއެވެ.

އޭގެ އިތުރުން، ޝަކުވާގެ ޖަވާބު 3 ދުވަހުގެ ތެރޭގައި، އިލެކްޝަންސް ކޮމިޝަނުން، ޝަކުވާ ހުށަހެޅި ފަރާތަށް ދޭންވާނެކަމަށްވެސް ބަޔާން ކޮށްފައިވެއެވެ.

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިލެކްޝަންސް ކޮމިޝަނުން އާންމުކުރާ ލިސްޓުގައިވާ ނަމަކާ ގުޅޭގޮތުން ހުށަހަޅައިފައިވާ ޝަކުވާއަކީ ޞައްޙަ ޝަކުވާއެއްނަމަ، ސިޔާސީ ޕާޓީން ހުށަހަޅައިފައިވާ ފޯމު ބާޠިލުކޮށް، އެ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން އެކަން އަންގަންވާނެކަމަށްވެސް ޤަވާއިދުގައި ބުނެއެވެ. އަދި ޞައްޙަނޫން ފޯމު ހުށަހެޅި ޕާޓީއަކާ މެދު އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅަންވާނެކަމަށް ޤަވާއިދުގައި ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ