ޓީޖީއެސްޓީއާއި ޖީއެސްޓީގެ ގޮތުގައި ނަގާ މިންވަރު ބޮޑުކުރަން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. ސަރުކާރުން ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރުމަށެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިބިލް ފާސްކޮށްފައިވަނީ 55 މެމްބަރުން ވޯޓްދެއްވައިގެންނެވެ. ބިލާއި ދެކޮޅަށް ވޯޓް ދެއްވީ 26 މެމްބަރުންނެވެ.
ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސްތަކަށް ގެންނަ ބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އިޤްތިޞާދީގޮތުން އަންނަ ލޮޅުންތަކާއެކު އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް ސަރުކާރުން އަޅުއްވާނެކަމަށެވެ. އެގޮތުން ކޯވިޑްގެ ހާލަތުގައިވެސް އެފަދަ ފިޔަވަޅުތައް އަޅައިގެން އިޤްތިޞާދު ހިފެހެއްޓުނުކަން އަމީރު ފާހަގަކުރެއްވިއެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ އާމްދަނީ އިތުރުކުރުމަށް މިވަގުތު އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުންކަމަށެވެ. އަދި ލިބޭ އާމްދަނީއަކުން ރިކަރަންޓް ހަރަދުތައް ހަމަޖެއްސުމަކީ މާލީ ސިޔާސަތުގެ އެއް އަމާޒުކަމަށާއި އޭގެއިތުރުން ހަރަދުތައް ކުޑަކުރަންވެސް ސިޔާސަތުތަކެއް ކަނޑައަޅާފައި އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


