ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެ ފުރަތަމަ އަންހެން މާލިމީގެ ޝަރަފް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ސީނިއަރ ސަރޖަންޓް ސަންފާ (ސަންފަ) އިބްރާހިމް ދީދީ ހާސިލްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ސަންފަ އެ ހިދުމަތާ އަލަށް ގުޅުނީ ފުލުހުންގެ ކަސްޓޯޑިއަލުން 2006 ވަނަ އަހަރުގެ އޮކްޓޯބަރ މަހުުގެ 10 ވަނަ ދުވަހު ކަމަށެވެ. މިއީ ފުލުހުންގެ 89 އަހަރުގެ ތާރީހުގައި ފާހަގަކޮށްލެވޭ ފަހުރުވެރި ކަމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ސަންފަ ފުރިހަމަކޮށްފައި ވަނީ މެރިން ޕޮލިހާއި ޔޫ.އެން.އޯ.ޑީ.ސީ އަދި ޖަޕާން ސަރުކާރު ގުޅިގެން ފުލުހުންނަށް ކުރިއަށްގެންދާ ބޭސިކް ސީމެންޝިޕް ކޯހެވެ. މި ކޯހަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އަމަލީ ހަރަކާތްތަކާއި މައުލޫމާތު ދިނުމުގެ ކްލާސްތަކާއެކު ކުރިއަށް ގެންދާ ކޯހެކެވެ. އެގޮތުން ”މެރިޓައިމް ނެވިގޭޝަން، ބޯޓު ހޭންޑްލިންގ، ސަވައިވަލް އެންޑް ރެސްކިއު” މައުލޫގެ ދަށުން މައުލޫމާތު ދިނުމާއެކު އަމަލީ ހަރަކާތްތައް ކަނޑުމަތީގައި ކުރިއަށް ގެންދެއެވެ.
ސަންފަ ބުނީ ކަނޑުމަތީގައި މަސައްކަތް ކުރުމަކީ ކުރިންވެސް ތަޖުރިބާ ކުރަން ބޭނުންވެފައި ހުރި މަސައްކަތެއްކަމަށެވެ. އެހެންކަމުން ލިބުނު ފުރުސަތުގެ ބޭނުން އޭނާ ހިފީ އުފަލާއެކުކަމަށާއި، ނުކުރެވިދާނެ ކަމުގެ ބިރަށް، ބީރު ކަންފަތެއްދީ ގަދަ ކަނޑަށް ނުކުތުމަށް ހަދަންޖެހޭ ހުރިހާ ތަމްރީނެއް ފުރިހަމަކުރީ އެއްވެސް ވަރުބަލިކަމެއް ފޫހިކަމެއް ނެތިކަމަށެވެ.
“ސަންފަ ބުނީ ބޭސިކް ސީމެންޝިޕް ކޯސް ފުރިހަމަކުރުމަށް މާލެ އައުމާއި ކޯސް ފުރިހަމަކޮށް ނިންމުމާ ހަމައަށްވެސް ހިތުގައި އޮތް އަޒުމަށް އެއްވެސް ގުޑުމެއް ނާރައި އެކަން ފުރިހަމަކުރެވުނީ އޭނާގެ އިސްވެރިން ދެއްވި ހިތްވަރާއި ކުރި އިތުބާރުގެ ބޮޑުކަމުންކަމަށެވެ.” ފުލުހުން ވިދާޅުވިއެވެ.
ސަންފާ އިބްރާހިމް ދީދީ ފުލުހުންގެ ޚިދުމަތުގައި އެންމެ ފުރަތަމަ މަސައްކަތްކުރީ ދޫނިދޫ ކަސްޓޯޑިއަލުގައެވެ. ފުލުހުންގެ ޚިދުމަތުގައި ފާއިތުވި 16 އަހަރުގެ ތެރޭގައި އޭނާ ވަނީ އެކި ޑިޕާޓްމެންޓްތަކުގައި މަސައްކަތްކޮށް އެކިދާއިރާއިން ތަޖުރިބާ ހޯދާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މާލޭ ކަސްޓޯޑިއަލް، ޕޮލިސް މެޑިކަލްގެ އިތުރުން ގަލޮޅު ޕޮލިހާއި މާފަންނު ޕޮލިހުގައިވެސް ސަންފަ ވަނީ މަސައްކަތް ކޮށްފައެވެ. ފުލުހުންނަށް ބޭނުންވާ އެކި ތަމްރީނުތަކުގައި ބައިވެރިވި ސަންފަ ވަނީ އެކި ކޯސްތައް ފުރިހަމަކޮށްފައެވެ.


