އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކުރައްވައިފިއެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާހަމައަށެވެ. ކުރިން އޮތްގޮތުންނަމަ މިއޮފީހުގު މުއްދަތު މިއަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހަށް ހަމަވާނެއެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު ރައީސް އިތުރުކުރައްވާފައި ވަނީ އިންތިޤާލީ އިންސާފުގެ ޤާނޫނު ދަށުން އުފައްދާފައިވާ “އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް” ގެ މަސައްކަތްތަކަށް ކަނޑައަޅާފައިވާ ދެ އަހަރު ދުވަހުގެ މުއްދަތު 17 ޑިސެންބަރު 2022 ގެ ނިޔަލަށް ހަމަވާއިރު، އެ އޮފީހުން ތަޙުޤީޤުކުރަމުންދާ ބައެއް މައްސަލަތައް ފުރިހަމަކުރުމަށްޓަކައި މި މުއްދަތު އިތުރުކޮށްދެއްވުން އެދި އޮމްބަޑްސްޕަރސަނުން އެދިލައްވާފައިވާތީއެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް، ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ އޮފީހެކެވެ.


