ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އެ ކުލަބުގެ ކެޕްޓަން ލިއޮނެލް މެސީ މީގެ ކުރިން ހާމަކުރި ނަމަވެސް، އެ ނިންމުން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނުގައި އޭނާ ބާސާގައި މަޑުކުރުމަށް ނިންމާ އެކަން އިއުލާން ކޮށްފިއެވެ.
މީގެ ކުރިން މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.
އެކަމަކު މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަހެއް ނުވިއެވެ. އެހެންކަމުން ހުކުރު ދުވަހުގެރޭ މެސީ ވަނީ ބާސާގެ އެއްބަސްވުމާ އެއްގޮތަށް އަންނަ ސީޒަނުގައި އެ ކުލަބުގައި މަޑުކުރަން ނިންމާ އެކަން އިއުލާން ކޮށްފައެވެ.
މީގެ ކުރިން ޤާނޫނީ ވަކީލުން މެދުވެރިކޮށް އެއްބަސްވުމުގެ މައްސަލައިގައި ކުރިއަށް ދިޔުމަށް މެސީ މަސައްކަތް ކުރަމުން އައި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު ކޯޓަށް ގޮސްގެން ބާސާ ދޫކޮށްލާން މަސައްކަތްކުރުމުގެ ޚިޔާލު މެސީ ދޫކޮށްލީ އޭނާގެ ޤާނޫނީ ޓީމުގެ ލަފާގެ މަތިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މެސީ ބާސާގައި މަޑުކުރާއިރު، ދާދި ފަހުން އެއްބަސްވުމުގެ މައްސަލައިގައި ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވަނީ މެސީގެ ބައްޕަ ޖޯޖް މެސީ އާއި މެސީގެ އޭޖެންޓާއެކު ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި ހުކުރު ދުވަހުގެ ވަގުތެއްގައި މެސީގެ ބައްޕަ ޖޯޖް މެސީ ވަނީ، މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން 700 މިލިޔަން ޔޫރޯ ދައްކަން ނުޖެހޭނެ ކަމަށް ބުނެފައެވެ. އެއާއެކު ސްޕެނިޝް ލީގުން މެސީގެ ޓްރާންސްފާއާ ގުޅިގެން ދެވަނަ ފަހަރަށް ބަޔާނެއް ނެރުނުއިރު، އެ ބަޔާނުގައި ވަނީ މެސީގެ އެއްބަސްވުމުގައި އޭނާ ކުލަބު ބަދަލުކުރެވޭނެ ގޮތް ސާފުކޮށް ލިޔެފައިވާ ކަމަށާއި، އެގޮތުން އެއްބަސްވުން ހަމަވުމުގެ ކުރިން މެސީއަށް އެހެން ކުލަބަކަށް ދެވޭނީ 700 މިލިއަން ޔޫރޯ ދައްކައިގެން ކަމަށް އަނެއްކާވެސް ބުނެފައެވެ.
އުމުރުން މިހާރު 33 އަހަރުގެ މެސީ އަންނަ ސީޒަނުގައި ބާސާގައި މަޑުކުރި ނަމަވެސް، އެއްބަސްވުން ހަމަވުމާއެކު އަންނަ ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާ ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވެއެވެ. މެސީއަށް ޔޫރަޕްގެ ގިނަ ކުލަބުތަކުން ފާރަލަމުން އަންނައިރު، އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ އާއި، ޕީއެސްޖީ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާންވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މެސީ ބަދަލުވުން އެންމެ ގާތީ ޕެޕް ގާޑިއޯލާ އިރުޝާދު ދެމުން އަންނަ ސިޓީއަށް ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު މެސީގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރުމަށް ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބާސާއިން އައު ސީޒަނަށް ފަރިތަކުރުންތައް ފަށާފައިވީ ނަމަވެސް، އެއްބަސްވުމުގެ މައްސަލައިގައި މެސީ މިހާތަނަށް ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެއެވެ.
ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 634 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.


