އައްޝައިހް ޒަމްޒަމް ފާރިޝް ސަސްޕެންޑް ކުރީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލުން ނިންމައިފި އެވެ.
“އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ގޮންޖަހައި، އެ ނިންމުމަށް ފާޑުކީ މައްސަލައިގައި އަރަބިއްޔާ ސްކޫލުގެ ޓީޗަރު ސަސްޕެންޑް ކުރީ އޭޕްރީލް މަހުގެ 21 ގައި އެންމެ ފުރަތަމަ ޒަމްޒަމް ފާރިޝް ސަސްޕެންޑް ކުރީ މުސާރަ ނުލިބޭ ގޮތަށް މަސް ދުވަހަށެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން އޭނާއަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރެވުނީ “އޮޅުމަކުން” ކަމަށް ފަހުން ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި ތަފާތު އެކި ކަންކަމަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔަމުން އައި ޒަމްޒަމް ފާރިޝްގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައާ ގުޅިގެން އެތަނުން ކުރި އަމުރުގައި ބުނީ ޒަމްޒަމް ފާރިޝް، ވަޒީފާއަށް ނުކުތުން މަނާކޮށްފައި ވަނީ ސިވިލް ސާވިސް ގަވާއިދު 2014 ގެ 258 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ވަޒަންކުރުމަކާ ނުލައި ކަމަށް ބުރަވެވޭ ކަމަށެވެ.
އެހެންވެ، އޭނާ ވަޒީފާއަށް ނެރުން މަނާކުރީ އެ މާއްދާއާ ހިލާފަށް، އެކަށީގެންވާ ހާލަތެއް އޮވެގެންކަމަށް ސާބިތުކޮށްދެވިފައިނުވާތީ އެ ނިންމުމަކީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށް ޓްރައިބިއުނަލްގެ އަމުރުގައިވެ އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ ޒަމްޒަމް ފާރިޝަށް ފޮނުވި، “އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން” މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބާތިލުކުރުމަށް ފަހު، އެކަން ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފަ އެވެ.
ޒަމްޒަމް ފާރިޝް ސަސްޕެންޑްކޮށް މިނިސްޓްރީން ފޮނުވި ލިޔުމުގައި ވަނީ އިދިކޮޅު ފަރާތްތަކުން ފަށާފައިވާ “އިންޑިއާ އައުޓް” ކެމްްޕެއިނަށް ހިތްވަރު ލިބޭ ގޮތަށް އޭނާގެ އަމިއްލަ އެކައުންޓުން ޓްވީޓުކޮށްފައިވާ ކަމަށާއި އެއީ ސިވިލް ސާވިސްގެ ގަވައިދުގައި ބަޔާންކުރާ ސިވިލް ސާވިސްގެ މުވައްޒަފުންގެ ދައުރާއި ޒިންމާތަކާއި ސްލޫކް ބަހައްޓަން ޖެހޭ ގޮތާއި ކޯޑް އޮފް ކޮންޑަކްޓާ ތައާރުޒުވާ ކަމެއް ކަމަށެވެ.
އޭނާ ސަސްޕެންޑް ކުރުމުގެ ކުރިން ވެސް އެ ބާވަތުގެ ކަންކަމުގައި އޭނާ ހާޒިރުކޮށް އިރުޝާދުދީ ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.


