ރާއްޖެ ބަނގުރޫޓުވާ ވާހަކައަކީ، ސިޔާސީ ބޭނުމުގައި ސަރުކާރު ބަލިކަށިކޮށް، ސަރުކާރުން ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށްލުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިމިވަނީ ރާއްޖެ ބަނގުރޫޓުވާ ހާލަތެއް މެދުވެރިވެއްނަމަ އެއީ ވަރަށް ލަދުވެތި ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައިވަނިކޮށެވެ.
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއްނޫން ކަމަށެވެ. އަދި މިއީ ސިޔާސީ ބޭނުމެއްގައި ފަތުރާ ވާހަކަތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑު19ގެ ދަތި ހާލަތުން އަރައިގަނެ، އެންމެ އަވަހަށް ކުރިއަރަމުންދާ އިޤްތިޞާދުތަކުގައި ރާއްޖެ ހިމެނޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، 2020 ވަނައަހަރު ކޯވިޑާއެކު ކުރިމަތިލީ، މިހާރު މިތިބި ހާލަތަށްވުރެ މާ ދަތި އަދި ގޮންޖެހުންތައް ބޮޑު ހާލަތަކާކަމަށެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ހަރުދަނާ ސިޔާސަތުގެ ދަށުން، އެ ދަތިކަމުން އަރައިގަނިވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ގިނަ ދަތިތަކާއި ގޮންޖެހުންތައް މިހާރުވެސް ހުރިކަން ސަރުކާރުން އަބަދުވެސް ފާހަގަކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަން ފޮރުވަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށާއި، ހުރިހާ ތަފާސް ހިސާބުތަކެއް ހާމައަށް ފެންނަން ހުރިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ، ދަތިތަކާއި ގޮންޖެހުންތަކާއިއެކުވެސް، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެ ގޮންޖެހުންތައް ގިރާކުރަމުންދާ ކަމަށާއި، ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖްކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
މި ދަނޑިވަޅުގައި އިޤްތިސާދާއިމެދު، ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަޤާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ، ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަވެރިކަމެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. މިނިސްޓަރ އަމީރު ވަނީ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު އޮތީ ފަހިކޮށްކަންވެސް ތަކުރާރުކުރައްވާފައެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ކޯވިޑްގެ ދަތި ހާލަތުން އަރައިގަނެ ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަނީ ތަޢުރީފް ކުރައްވާފައެވެ.


