ދިވެހިރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަޤާމަށް މއ.މަނާގެ، ޢަލީ ފާއިޒު ހަމަޖެއްސެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފިއެވެ.
ސަފީރުކަމުގެ މަގާމަށް ފާއިޒު އައްޔަނު ކުރުމަށް ނަން ދިރާސާ ކުރައްވާނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.
ފާއިޒު މީގެކުރިން ފުރުއްވި މަގާމުތަކަށް ބަލާލާއިރު ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމާއި، މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ހިމެނެއެވެ. އަދި އޭނާއަކީ ޕޮލިސް ބޯޑުގެ ރައީސެވެ.
ލަންކާގެ ސަފީރުކަމުގެ މަޤާމަށް ފާއިޒު އައްޔަން ކުރައްވަން ފޮނުވާފައިވަނީ އެޤައުމުގެ ސަފީރުކަމުގެ މަޤާމުގައި ކުރިން ހުންނެވި އުމަރު އަބްދުއްރައްޒާގު ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއްވުމުންނެވެ.


