އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.
މިހާރު މި ބިލު ވަނީ ގާނޫނެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.
ސަރުކާރުން މަޖިލިހަށް ހުށަހެޅި ބިލްގައި ވަނީ ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރުމަށާއި އަދި ޓީޖީއެސްޓީ %12 އިން %16 އަށް ބޮޑުކުރުމަށެވެ.
އެހެންކަމުން، އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީން %8 އަށް ބޮޑުވާއިރު، ޓީޖީއެސްޓީ %16 އަށް ބޮޑުވާނެއެވެ.


