ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން މިހާރު ކުރިއަށް ގެންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންގައި ބަލާ ފާސްކުރި ގެޔަކުން ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރެވިދާނެ މާއްދާތަކެއް ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، މި އޮޕަރޭޝަންގައި ހައްޔަރު ކުރެވުނު މީހުންގެ ގެތަކުންނާއި އެފަރާތްތައް ބޭނުން ކުރަމުންދާ ބައެއް ގެތަކާއި، ބައެއް ވެހިކަލްތަކާއި، ޑިންގީއެއް ބަލައި ފާސްކޮށް، މައްސަލަ އާއި ގުޅުން ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި މިހާރު އެތަކެތި ތަހުލީލު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކުރެވުނު މީހަކު ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް ނެގުނު އެކްސްޕްލޯސިވް ކެމިކަލް ކަމަށް ޝައްކު ކުރެވޭ ތިން ބާވަތެއްގެ ސާމްޕަލް އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ)ގެ ފަރާތުން ޗެކް ކުރުމުން އެ ސާމްޕަލްތަކުގައި ހައި އެކްސްޕްލޯވިސްގެ މާއްދާތައް ހިމެނޭ ކަމަށް ދައްކާފައިވާ ކަމަށެވެ.
އައްޑޫގެ އިތުރުން ފުލުހުން ވަނީ މި އޮޕަރޭޝަން މާލެ އާއި ކ. ގުރައިދޫގައި ވެސް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 14 މީހަކު ހައްޔަރު ކޮށްފައިވާއިރު، އެ އެންމެން ވެސް ތިބީ މިހާރު ފުލުހުންގެ ބަންދުގައެވެ.


