ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން، ހަ ރަށެއްގެ އެއާޕޯޓު ހަދަން ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަން އިތުރު ދިވެހި ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މި ފަހަރު ފައިނޭންސިން އެއްބަސްވުމެއް ހެދީ މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޑެޓާއެކު ކަމަށެވެ. އެއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކުމުގެ ވިޔަފާރިކުރަމުން އަންނަ ކުންފުންޏެކެވެ.
އެއާޕޯޓް ހެދުމަށް ދާ ހަރަދު
- ހދ. މަކުނުދޫ / 23.3 މިލިއަން ޑޮލަރު
- ށ. ބިލެއްފަހި / 23.6 މިލިއަން ޑޮލަރު
- ބ. ތުޅާދޫ / 21.9 މިލިއަން ޑޮލަރު
- ތ. ވިލުފުށި / 33.3 މިލިއަން ޑޮލަރު
- ފ. މަގޫދޫ / 8.2 މިލިއަން ޑޮލަރު
- ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއްގައި / 23.6 މިލިއަން ޑޮލަރު
ރީޖަނަލް އެއާޕޯޓް ހެދުމަށް ބޭނުންވާ ފައިސާ ހޯދަން މީގެކުރިން ވެސް ޕްލޭނިން މިނިސްޓްރީން މަސައްކަތްކޮށްފައިވެ އެވެ. އެ ރަށްތަކުގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ފައިސާ ހޯދަން މިދިޔަ މަހު ވަނީ ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ދެކުނު ދުނި އިންވެސްޓްމަންޓަކީ ރިސޯޓު ހަދައި ހިންގުމުގައި ގިނަ އަހަރުތަކެއް ވެފައިވާ ސަންލޭންޑް ހޮޓެލްސް އާއި ސަންލޭންޑް ޓްރެވަލްސްގެ ހިއްސާދާރުންގެ ކުންފުންޏެކެވެ.
އެ ދެ ކުންފުނިން ފައިނޭންސް ކުރަނީ ސީދާ ކޮން ރަށެއްގައި އެއާޕޯޓް ހެދުމަށް ކަމަށް ޕްލޭނިން މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.