ޔުއެފާ ނޭޝަންސް ލީގުގައި ޕޮލެންޑް އަތުން ނެދަލެންޑްސް މޮޅުވެއްޖެއެވެ.
ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕްގައި ހިމެނޭ އެންމެ ފަހުގެ ރަނަރަޕް ޓީމު ކަމަށްވާ ނެދަލެންޑްސް ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވީ ޕޮލެންޑް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
ނެދަލެންޑްސްގައި ކުޅުނު މި މެޗު އެޓީމުން ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، މުޅި މެޗުގައިވެސް ނެދަލެންޑްސްގެ ގޯލާ އަމާޒުކޮށް ޕޮލެންޑަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮން ފޮނުވާލި ހަމަލާއެއް ވަނީ ޕޮލެންޑްގެ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ނެދަލެންޑްސްއިން ކާމިޔާބުކުރީ މެޗުގެ 61 ވަނަ މިނެޓުގައެވެ. ހާންސް ހާޓެބޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ފޯވާޑް ސްޓީވެން ބާގްވެއިންއެވެ.
ނޭޝަންސް ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު ބައެއް އެހެން މެޗުތަކަށް ބަލާލާއިރު، ލީގު ބީ ގްރޫޕް އެކެއްގައި ހިމެނޭ އޮސްޓްރިއާ ވަނީ ނޯވޭ އަތުން 2-1 ން މޮޅުވެފައެވެ. އަދި ހަމަ މި ގްރޫޕްގައި ހިމެނޭ ރޫމޭނިއާ އާއި ނޮދަން އަޔަލެންޑް ބައްދަލުކުރި މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ.


