“ވުމަންސް އިންޑިއަން ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ” (ޑަބްލިޔު.އައި.ސީ.ސީ.އައި) އިން މިމަހުގެ 23 އިން 24 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި”‘އިންޓަރނޭޝަނަލް ވުމަން އޮންޓްރަޕްރެނިއަރސް ސަމިޓް 2022″ ގައި ބައިވެރިވި ދިވެހި އަންހެން ދެ ވިޔަފާރިވެރިއަކަށް ޚާއްސަ ދެ އެވޯޑެއް ލިބިއްޖެއެވެ.
ޑަބްލިޔު.އައި.ސީ.ސީ.އައި ސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވާ ވިޔަފާރިވެރި އަންހެނުންނަށް، އެބޭފުޅުންގެ ވިޔަފާރިއާއި އުފެއްދުންތައް ބައިނަލްއަޤުވާމީ މަންސައެއްގައި މަޢުރަޒުކުރުމުގެ ފުރުސަޠު ފަހިކޮށްދިނުމަށް ބޭއްވި ސަމިޓެކެވެ.
މި އެވޯޯޑް ލިބިފައިވަނީ ‘އާޓިސްޓްރީ’ ގެ ނަމުގައި އޭނާ ހިންގަވާ ވިޔަފާރި މެދުވެރިކޮށް ‘އޮގާ’ ގެ ނަމުގައި ޚާއްޞަ ބްރޭންޑެއް ތަޢާރަފް ކުރައްވައި، އެވިޔަފާރި ފުޅާކުރައްވަމުން އަންނަ ފަރާތެއް އަޒްލީނާ އަމީންގެ އިތުރުން ‘ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް’ގެ ނަމުގައި ގޭގައި ކުރައްވާ މަސައްކަތް ވިޔަފާރިއަކަށް ބަދަލުކުރައްވައި އެރޮނގުން ކުރިއަރަމުން އަންނަ ފަރާތެއް ކަމަށްވާ ޔުމްނާ ރަޝީދަށެވެ.
“އޮގާ” ބްރޭންޑުގެ އުފެއްދުންތައް އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުންނާއި، މީސްމީޑިއާގައި އޮގާގެ ފަރާތުން ހިންގާ ޕޭޖްތަކުންވެސް ގަންނަން ލިބެން ހުރެއެވެ.
“ދަ ގިފްޓް ބާސްކެޓް މޯލްޑިވްސް” މައިގަނޑު ގޮތެއްގައި އުފައްދަވަނީ ކުޑަކުދިންގެ ކުޅޭއެއްޗެއްސެވެ. އެގެތެރޭގައި ސޮފްޓް ޓޯއީސްއާއި އެނޫންވެސް ބާވަތްތަކުގެ އެއްޗެހި ހިމެނެއެވެ.


