މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ނެރުނު ރީނދޫ ސަމާލު ދަމަހައްޓައިފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން މި ސަމާލު ނެރެފައި ވަނީ. ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. މި ސަމާލު ދަމަހައްޓާފައި ވަނީ މި ސަރަޙައްދަށް މިއަދު 6:00 އިން ފެށިގެން ނެރެފައި އޮތް ރީނދޫ ސަމާލުގެ ވަގުތު ހަމަވުމުންނެވެ.
މޫސުމާއި ބެހޭ އިދާރާއިން މި ސަމާލު ދަމަހައްޓާފައި ވަނީ މިއަދު 9:00 އިން ފަށައިގެން 13:00 އާއި ހަމައަށެވެ.
މޫސުން ގޯސްވެ ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކުރެވޭތީއެވެ.
ދިވެހިރާއްޖޭގެ މޫސުމާއި ގުޅޭގޮތުން ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވާ ބަޔާނުގައިވަނީ ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށާއި އަދި ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަ ވާނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކޮށްފައިވެއެވެ.


