އައިސްލެންޑް އަތުން އިންގްލެންޑް މޮޅުވެއްޖެ..

ކުޅިވަރު ފަހުގެ

ހޮނިހިރު ދުވަހުގެރޭ ޔުއެފާ ނޭޝަންސް ލީގުގެ އޭ ގްރޫޕް ދޭއްގައި ކުޅުނު ފުރަތަމަ މެޗުން އިންގްލެންޑް މޮޅުވީ އައިސްލެންޑް އަތުން ފަހުވަގުތު ގޯލް ޖަހައިގެން 1-0 ގެ ނަތީޖާއަކުންނެވެ.

އައިސްލެންޑްގައި ކުޅުނު މި މެޗު އިންގްލެންޑުން ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް، އެޓީމަށް މުޅި މެޗުގައިވެސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި އިންގްލެންޑްގެ ޑިފެންޑަރު ކައިލް ވޯކާއަށް ރެފުރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އައިސްލެންޑުން މުޅި މެޗުގައިވެސް ޑިފެންސިވް ގޭމެއް ކުޅުނުއިރު، އެޓީމުން ވަނީ މެޗު ނިމުމަކާ ގާތަށް އިންގްލެންޑް ހުއްޓުވާފައެވެ. އެކަމަކު މެޗުގެ 89 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން އައިސްލެންޑްގެ ސްވެރީ އިންގީ އިންގަސަންގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ވަނީ އިންގްލެންޑަށް ޕެނަލްޓީއެއް ދީފައެވެ. އަދި ރެފުރީ ވަނީ އިންގަސަންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

އިންގްލެންޑަށް ލިބުނު މި ޕެނަލްޓީ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ފޯވާޑް ރަހީމް ސްޓާލިންއެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ނަތީޖާ އެއްވަރުކުރުމަށް އައިސްލެންޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން އައިސްލެންޑްގެ ހޯމްބާޓް އަރޮން ފްރިޖޯންސަންއަށް އިންގްލެންޑްގެ ޑިފެންޑަރު ޖޯ ގޯމޭޒް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު އައިސްލެންޑްގެ ބިރްކިރް ބިއާނަސަން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ ހުރަސް ދަނޑި މަތިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ