ހިމާލެޔަން ސަރަހައްދުގެ ހިރަފުހާއި ދުން ރާއްޖެ ސަރަހައްދަށް ފޯރަމުން ދާތީ އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް މި ދުވަސްވަރު ވައި ނުސާފުވެ، ދުރަށް ފެންނަ މިންވަރު ދަންވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ ހުޅަނގު އިރުމައްޗަށް ވައި ބަދަލުވުމުން މިދާ ދުވަސްވަރު، ހިމާލެޔަން ސަރަހައްދުން ހިރަފުހާ ދުން ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް، ރާއްޖެއާ ހަމައަށް ފޯރަމުން އަންނަ ކަމަށެވެ.
އެކަމުގެ ސަބަބުން އުތުރާ މެދުރާއްޖޭގެ ސަރަހައްދުތަކުގައި ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެކަން ބޮޑަށް ފާހަގަވެފައި ވަނީ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ކަމަށްވެސް މެޓުން ބުންޏެވެ.
އާއްމުކޮށް މޫސުން ރަގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށް ވުރެއް އިތުުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ 4 – 5 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށްވެސް މެޓުން ބުންޏެވެ.
މި ހިރަފުހުގެ ސަބަބުން ހާއްސަކޮށް ނޭވާލާ ނިޒާމުގައި މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގު ވެދާނެއެވެ. އަދި މިދުވަސްވަރު ވާރޭފެން ރައްކާކުރުމާއި ބޭނުން ކުރުމުގައި ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމެވެ. ވައި ތަގައްޔަރުވުމުގެ ސަބަބުން ސްޓްރޯކް ޖެހުމާއި ކެންސަރަށް މަގުފަހިވާ ކަންކަން ދިމާވުން ހިމެނެއެވެ.


