އަހަރެއް ތެރޭގައި ނިންމުމުގެ އަމާޒާއެކު މާފަރު އެއަރޕޯޓު ރަންވޭ ބޮޑުކޮށް، އަޕްގްރޭޑްކުރުން އެމްޓީސީސީއަށް

ޚަބަރު ފަހުގެ

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ރަންވޭ ބޮޑުކޮށް، އަޕްގްރޭޑްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފިއެވެ.

މި މަޝްރޫޢަކީ އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓުން ފޯރުކޮށްދޭ މާލީ އެހީއެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި “ޑިވެލޮޕްމަންޓް އެންޑް އެކްސްޕެންޝަން އޮފް މާފަރު އެއަރޕޯޓް ފޭސް 2” ގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ބޭނުންކުރާ ރަންވޭއަށް 650 މީޓަރު އިތުރުކުރުމާއި، ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮަށް ޚިމާޔަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑްކުރުމާއި ޓެކްސީވޭ ފުޅާކުރުމާއި އޭޖީއެލް އަޕްގްރޭޑްކޮށް ޕަވަރ ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާއާއި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، މިއީ އެކުންފުނީގެ ތާރީޚުގައިވެސް ބޭރުގެ ފަންޑިންގ އޭޖެންސީއެއްގެ ފަންޑިންގއާއެކު ހިންގޭ އެންމެ ބޮޑު މަޝްރޫޢުކަމަށެވެ. އަދި އެކުންފުނީގެ އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާ ސަރުކާރާ ޙަވާލުކުރުންކަމަށް އާޒިމް ވިދާޅުވިއެވެ.

“މި ޕްރޮޖެކްޓަކީ އެމްޓީސީސީގެ ތާރީޚުގައި ފޮރިން ފަންޑަޑް ސޮއިކުރެވޭ އެންމެ ބޮޑު ޕްރޮޖެކްޓު. މި ޕްރޮޖެކްޓުގެ އަގަކީ 27.1 މިލިއަން ޑޮލަރު. އެމް.ޓީ.ސީ.ސީން މިވަރުގެ ޕްރޮޖެކްޓުތައް ބޭރުގެ ފަރާތްތަކާ ވާދަކޮށްގެން ކާމިޔާބުކުރުމަށް މިދަނީ މަސައްކަތްކުރަމުން. މިއީވެސް ބޭރުގެ ވަރަށް ގިނަ ބަޔަކާ ވާދަކޮށްގެން ކާމިޔާބުކުރެވުނު ޕްރޮޖެކްޓެއްކަން ފާހަގަކޮށްލަން” އާޒިމް ވިދާޅުވިއެވެ.

މި މަޝްރޫޢަށް އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓުން ޖުމްލަ 27.1 މިލިއަން ޑޮލަރު ފަންޑުކުރާނެއެވެ. އަދި ޖީ.އެސް.ޓީގެ ގޮތުގައި 25.1 މިލިއަން ރުފިޔާ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާނެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ އެހީގައި ތަރައްޤީކުރި އެއަރޕޯޓެކެވެ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް، އެއަރޕޯޓް އޮޕަރޭޝަނަށް ގެނެސްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުއެވެ.

މިއެއަރޕޯޓްގައި މިހާރު ބޭނުންކުރާ ރަންވޭއަކީ 2200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކެވެ. ނަމަވެސް ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭއަށް އިތުރުކުރެވޭ 650 މީޓަރާއެކު ރަންވޭގެ ދިގުމިން 2800 މީޓަރަށް ބޮޑުވާނެއެވެ. މިއާއެކު ބައިނަލްއަޤްވާމީ އުދުހުންތަކުގައި ބޭނުންކުރާ Boeing 777-300ER މަރުކާގެ މަތިންދާބޯޓުތަކަށްވެސް ރަންވޭއަށް ޖެއްސޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ