ރީޖަނަލް އެއާޕޯޓްތައް ހަދާނެ ފައިސާ ހޯދަން އިތުރު ދެ ކުންފުންޏަކާއެކު ސޮއިކޮށްފި

ޚަބަރު ފަހުގެ

ފައިސާގެ ބަދަލުގައި ރިސޯޓު ހަދާނެ ރަށެއް ލިބޭ އުސޫލުން، ހަ ރަށެއްގެ އެއާޕޯޓު ހަދަން ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަން އިތުރު ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިކަމާއި ގުޅިގެން ޕްލޭނިންގ މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ މިނިސްޓްރީ އާއި ރޭންކް ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ފައިނޭންސިންގ އެގްރިމެންޓެއްގައި ބުދަ ދުވަހު ވަނީ ސޮއިކޮށްފައިކަމަށެވެ. އަދި ބުރާސްފަތި ދުވަހު ވަނީ އަންގިރި ރިސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ފައިނޭންސިންގ އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިދިޔަ މަހުގެ 23 ވަނަ ދުވަހު ޕްލޭނިންގ މިނިސްޓްރީން ވަނީ ސަސް ޕްރައިވެޓް ލިމިޑެޓާއެކު ފައިނޭންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކުމުގެ ވިޔަފާރިކުރަމުން އަންނަ ކުންފުންޏެކެވެ. އޭގެއިތުރުން އޮކްޓޯބަރު މަހު ވަނީ ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެސް ފައިނޭންސިން އެއްބަސްވުމެއް ހަދާފައެވެ.

މިއާއެކު ބ. ތުޅާދު އާއި ށ. ބިލެތްފައްސާއި ތ. ވިލުފުއްޓާއި ހދ. މަކުނުދު އާއި ފ. މަގޫދޫ އަދި ރ. އަތޮޅުގެ ދެކުނު ބިތުގެ ރަށެއްގައި ރީޖަނަލް އެއާޕޯޓް ހެދުމަށް ފައިނޭންސް ހޯދުމަށް 4 ކުންފުންޏަކާއެކު ޕްލޭނިންގ މިނިސްޓްރީން މިވަނީ ސޮއިކޮށްފައެވެ.

ސަރުކާރުން ހަރަދު ކުރުމުގެ ބަދަލުގައި އިންވެސްޓަރުން ހަދާ ގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް، ކްރޮސް ސަބްސިޑީ އުސޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ހަ އެއާޕޯޓަކަށް ފައިނޭންސްކުރާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ.

މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި އެ އިން ކޮންމެ އެއާޕޯޓަކަށް ވެސް ފައިނޭންސް ކުރަން ހުށަހެޅޭނީ ވަކިވަކިންނެވެ. ބީލަން ހުށަހަޅަން ހުޅުވާލީ ވެސް މުޅި އެއާޕޯޓް ހެދުމަށް ނުވަތަ ފައިނޭންސް ކުރުމަށް އެކަނި ހުށަހެޅޭ ގޮތަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ