ހދ. ހަނިމާދޫ ބަނދަރު މަސައްކަތުގެ ބޮޑުބައި ނިމިއްފައިވާކަން އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި، މިހާރު ހުރި ނެރު ފުންކުރުމުގެ މަސައްކަތާއި، ބޭރުތޮށި ލުމާއި، އެއްގަމުތޮށި ލުމާއި، ރިވެޓްމެންޓް ޖެހުމާއި، ގްރޮއިން ޖެހުމާއި، ރޭމްޕެއް ހެދުމާއި، ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި މުޅި ޖުމްލަ 93 ޕަސެންޓް މަސައްކަތްތައް ނިމިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 69.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


