އެއަރ ކޮލިޓީ މޮނިޓަރިންގް ނެޓްވޯކް އިތުރަށް ފުޅާކޮށް، އެއްބާރުލުން ދިނުމުގެ ގޮތުން، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއަށް 2 އެމްބިއަންޓް އެއަރ ކޮލިޓީ މޮނިޓަރިންގް ސްޓޭޝަން ހަދިޔާކޮށްފިއެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ މި ސްޓޭޝަން މެދުވެރިކޮށް ވައި ތަޣައްޔަރުކުރުވާ ގިނަ މާއްދާތަކެއް މޮނިޓަރު ކުރެވިގެންދާނެ ކަމަށެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ހަދިޔާކޮށްފައިވާ 2 ސްޓޭޝަންގެ ތެރެއިން އެއް ސްޓޭޝަން ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް ހަވާލުކުރުމުގެ ގޮތުން މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ދެމެދެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި ސްޓޭޝަން ޤާއިމުކުރުމަށް ނިންމާފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައެވެ. މި ސްޓޭޝަންގެ ޒަރިއްޔާއިން ލިބޭ ޑޭޓާ ބޭނުންކޮށްގެން ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ޑޭޓާ އާންމުންނަށް ފެންނާނެހެން ޝާޢިއުކުރުމުގެ މަސައްކަތް އެޗްޑީސީއާއި މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.
އެއަރ ކޮލިޓީ މޮނިޓަރިންގް ނެޓްވޯކެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި މިހާތަނަށް މި މޮނިޓަރު ހަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ލ.ގަން، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހިތަދޫގައެވެ. މާލޭގައި މި މޮނިޓަރު ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ވިލިމާލޭގައިވެސް އަވަސް މުސްތަޤުބަލެއްގައި މި މޮނިޓަރު ހަރުކުރުމުގެ މަސައްކަތް ފަށާން މިނިސްޓްރީން ވަނީ ނިންމާފައެވެ.


