ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އައްޑޫސިޓީއާ ފުވައްމުލައްސިޓީއަށް ކުރައްވާ ރަސްމީދަތުރުފުޅެއްގައި މިއަދު ހެނދުނު އައްޑޫސިޓީއަށް ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާނެއެވެ. މިދަތުރުފުޅުގަ އައްޑޫސިޓީގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލައްވައި، ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި ހުޅުމީދޫ ހެލްތު ސެންޓަރުގައި، އަލަށް ފަށާ ޚިދުމަތްތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިފްތިތާޙްކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި، ފުވައްމުލައްސިޓީއަށް ވަޑައިގެން، އެސިޓީގައި ހިންގޭ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ. އަދިފުވައްމުލަކު ހޮސްޕިޓަލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމުގެ އިތުރުން، ޏ އަތޮޅުތަޢުލީމީ މަރުކަޒުގެ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާ ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަންނަ ހޯމަ ދުވަހު މާލެވަޑައިގަންނަވާނެއެވެ.


