ކުރީގެ ސަރުކާރުންވަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އަދި އެހެންނިހެން ގޮތް ގޮތުން ކުށްކުރާ ގޭންގްތަކަށް ފަންޑުކުރަމުން ގޮސްފައިކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން ބުނެފިއެވެ.
މަރު ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ ކުރީގެ ސަރުކާރުން ވަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އަދި އެހެންނިހެން ގޮތް ގޮތުން ކުށްކުރާ ގޭންގްތަކަށް ފަންޑުކުރަމުން ކަމަށާއި އެފައިސާ ދީފައިވަނީ ކުޅިވަރު ޖަމިއްޔާތަކާއި ޒުވާނުންގެ ކުރިއެރުމުގެ ކަންކަމަށް ހަރަދު ކުރުމުގެ ނަމުގައިކަން އެނގޭ ކަމަށެވެ.
ފަރީޝާ އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ އިސްވެރިން އެކިގޮތްގޮތުން ކުށްކުރާ ގޭންގްތަކަށް ފޯރުކޮށްދިން އެހީތެރިކަމުގެ ބަދަލުގައި ކުށްކުރާ ގޭންގްތަކުން ސިޔާސީ ފަރާތްތަކަށް ސަޕޯޓް ދީ ސިޔާސީ ކެމްޕޭންތައް ހިނގުމަށާއި ޖަލްސާތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދީފައި އެފަރާތްތަކުން ސަޕޯޓްކުރާ ފަރާތްތަކާއި އިދިކޮޅުފަރާތްތަކުން ބާއްވާ ހަރަކާތްތަކަށް ހުރަސް އެޅުމާއި ރޫޅާލުމުގައިވެސް އެހީތެރިކަން ދީފައިވާކަމަށެވެ.


