މާލޭ އަތޮޅުގައި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްްޤީކުރާ، ކުޑަގިރި ސާފުކުރުމަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ހަރަކާތެއް ފަށައިފިއެވެ.
ކުޑަގިރި ސާފުކުރުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރަމުންދާ މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ވަނީ މިއަދު އެ ރަށަަށް ޒިޔާރަތްކުރައްވާފައެވެ.
މިއަދު ހެނދުނުން ފެށިގެން ހަވީރާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ހެޑްކުއާޓަާޒްގެ ސިފައިންނާއި، އެމްޑީޔޫ 1އަކުން 4 ގެ ސިފައިންނާއި އަދި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާނެއެވެ.
މި ހަރަކާތުގައި ކުޑަގިރީގެ މޫދު ސަރަހައްދާއި ރަށު ތެރެ ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދެކެވެ. މިހާރު ތަރައްޤީ ކުރަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑާއިއެކު މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ހިތްހަމަޖައްސާލުމަށް ދަތުރުދާނެ ރަށެއް ނެތުމުގެ ޝަކުވާއަށް ނިމުމެއް އަންނާނެ ކަމަށް އެޗްޑީސީން ދެކެއެވެ.


