ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުގެ ފަރާތުން ކުރިއަށް ގެންދާ ސާއްބަ އެނިވަރސަރީ ކަޕް 2022 ގެ ފެށުން ރިއަލް ސްޓަރސް އިން ރަނގަޅުކޮށްފިއެވެ.
މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ބައްދަލުކުރީ ރިއަލް ސްޓަރސް އަދި ރޫހްއެވެ. ރިއަލް ސްޓަރސް މެޗު ކާމިޔާބު ކުރީ 4 ލަނޑު 1 ލަނޑުންނެވެ.
ފުރަތަމަ ހާފު އެއްކޮށްހެން ކޮންޓުރޯލް ނަގައިގެން ކުޅުނު ރިއަލް ސްޓާރސް ވަނީ ރޫހު ކޮޅަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެހާފުގައި ކާމިޔާބުވީ ދެ ލަނޑެވެ. އެއީ މެޗުގެ 41 ވަނަ މިނެޓުގައި ނަގައިދިން ކޯނަރެއް ގޯލަށް ފޮނުވާލައިގެން އަލީ ރަޝީދު ޖަހައިދިން ލަނޑަކާއި 46 ވަނަ މިނެޓުގައި 11 ނަންބަރު ނަގައިދިން ހުރަހަކުން 7 ނަންބަރު މުހައްމަދު ފަހުމީ ޖަހައިދިން ލަނޑެވެ.
ދެވަނަ ހާފު ފަށާ ރޫހް ކުޅުން ރަނގަޅު ކޮށް 69 ވަނަ މިނެޓުގައި ވަނީ ލަޑެއް ކާމިޔާބު ކޮށްފައެވެ. އެ ލަނޑު ކާމިޔާބު ކޮށްދިނީ 9 ނަންބަރު މުހައްމަދު އަހުމަދެވެ. އަދި އެޔާއެކު ރޫހް ކުޅުން ރަނގަޅު ވިނަމަވެސް ލިބުނު ފުރުސަތުތައް ބޭނުން ނުހިފި ދިއުމުގެ ނަތީޖާއަކަށްވީ ރިއަލް ސްޓަރސް އިން ކައުންޓާ އެޓޭކަށް އަރާ ދެ ލަނޑު ޖެހުމެވެ. އެއީ 71 މިނެޓާ 85 ވަނަ މިނެޓުގައި ޖެހި ލަނޑެވެ. ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ 11 ނަންބަރު އަލީ ފަރުހާނެވެ. ދެވަނަ ލަނޑު ކާމިޔަބުކޮށްދިނީ 10 ނަންބަރު މުހައްމަދު ނައުޝާދުއެވެ.
މި މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ރިއްލް ސްޓަރސް ގެ 7 ނަންބަރު މުހައްމަދު ފަހުމީއެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެެސް އޮންނާނެއެވެ. ބައްދަލު ކުރާނީ ޝީލްޑް އަދި ޔުނީފޯމްއެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ރަސްމީ ބޯޅަދަނޑުގައި މާދަމާ 16:00 ގައެވެ.


