ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ވެސް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކޯޓުގެ ހުކުމުގައިވަނީ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުން އިތުރު ފައިސާތަކަކާ އެކު ޔާމީން އެ ފައިސާ އިންވެސްޓް ކޮށްފައިވާކަން ހެކިތަކުން ސާބިތުވާ ކަމަށެވެ.
ހުކުމުގައިވާ ގޮތުން އާރަށް މައްސަލާގައި ރިޝްވަތު ހޯދަން ޔާމީން މަސައްކަތް ކުރެއްވިކަން ސާބިތުވެފައި ވާއިރު، އޭގެފަހުން ޔޫސުފް ނައީމްގެ ފަރާތުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު ވެސް އެނގޭނެ ކަމެއް ކަމަށެވެ.
ހުކުމުގައިވާ ގޮތުން ޔާމީނަކީ އެވަރުގެ އާމްދަނީއެއް ސައްހަ ގޮތުގައި ލިބޭނެ ފަދަ ބޭފުޅެއް ނޫނެވެ. އެހެންވެ، ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާގެ އުންސުރުތައް ވެސް އެ މައްސަލާގައި ފުރިހަމަވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.


