އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި އައްބާސް އާދިލް ރިޒާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.
އަމަން ގެއްލޭ ގޮތަށް އަދި ނަފްރަތު އުފެދޭ ގޮތަށް ތަކުރާރުކޮށް ޓުވީޓްކޮށް ހަދާ މައްސަލައިގައި އައްބާސް ހައްޔަރުކުރީ މިއަދު އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފަ އެވެ.
ކުރީ ސަރުކާރުތަކުގައި އިސް މަގާމުތަކެއް ފުރާފައިވާ އައްބާސް އާދިލް ރިޒާގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކުން މިފަހުން ވަނީ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލާފަ އެވެ.
މި މައްސަލައިގައި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ އިންޒާރު ސީރިއަސްކޮށް ތަހުގީގު ކުރަމުންދާއިރު އެކަމާ ގުޅިގެން ނަގަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަމާ ގުޅޭ އިދާރާތަކުން ނަގާފައިވާ ކަމަށެވެ.
ޑިޕްލޮމެންޓުންނާއި އާންމުންގެ ރައްކާތެރިކަން ގެއްލޭ ގޮތަށްދޭ އެފަދަ އިންޒާރުތައް އަޅާނުލާ ދޫކޮށްނުލާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.


