ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންގެ ލީޑަރެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ސޯލިހު ފޯމު ހުށަހަޅުއްވާފައިވާއިރު އަސްލަމް ވިދާޅުވީ ރައީސް ސޯލިހު ފެނިވަޑައިގަންނަވަނީ ރައްޔިތުންގެ ލީޑަރެއްގެ ގޮތުގައި ކަމަށާއި އެމަނިކުފާނަކީ ތަފާތު އެކި ސިޔާސީ ފިކުރުގެ މީހުންނާއެކު ވެސް މަސައްކަތް ކުރެއްވޭނެ ލީޑަރެއް ކަމަށެވެ.
ރައީސް ސޯލިހަކީ މަޑުމައިތިރި އަދި ގައުމާއި މެދު ދުރު ވިސްނުންފުޅެއް ގެންގުޅުއްވާ ލީޑަރެއް ކަމަށާއި ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ހުންނަވާނީ އެމަނިކުފާނާއެކު ކަމަށް އަސްލަމް ވިދާޅުވި އެވެ.
ޕްރައިމަރީގައި ރައީސް ސޯލިހާއި ވާދަކުރައްވާނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ.


