ލ. ގަން، ޙަމަދު ބިން ޙަލީފާ އަލް ޘާނީ ސްކޫލްގެ އައު ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް ހަވާރުކޮށްފައިވަނީ ވީއަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި އަންގާރަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ޙަމަދު ބިން ޙަލީފާ އަލް ޘާނީ ސްކޫލްގެ އައު ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރު ނައުޝާދު އިބްރާހިމެވެ. އަދި ވީއަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ސަދީމް އިބްރާހިމްއެވެ.
މި މަޝްރޫޢުގެ ދަށުން ޙަމަދު ބިން ޙަލީފާ އަލް ޘާނީ ސްކޫލުގައި 12 ކްލާސްރޫމުގެ އިމާރާތެއް ހަދަން ވަނީ ނިންމާފައެވެ.
މި މަޝްރޫޢު އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 13 މަސް ދުވަސް ނުވަތަ 400 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. 12 ކްލާސްރޫމްގެ މި އިމާރާތުގެ މަސައްކަތަށް ގާތްގަނޑަކަށް 13،308،746.74 (ތޭރަ މިލިއަން ތިން ލައްކަ އަށްހާސް ހަތްސަތޭކަ ސާޅީސް ހަ ރުފިޔާ ހަތްދިހަ ހަތަރު ލާރި) ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.



