މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ އަންނަ ސެޕްޓެމްބަރުމަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުރީގް ވިދާޅުވީ، ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރުމަހުގެ 30 ގައި ކަމަށެވެ.
ފުއާދު ތަޢުފީޤް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ޖުލައިމަހުގެ 3 ވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި ރިޔާސީ އިންތިޚާބުގެ ސްލޯގަންއަކަށް ބޭނުންކުރަނީ “މަގޭ ވިސްނުން، މަގޭ ވޯޓު” ކަމަށެވެ.



