އަންނަ ހަފްތާތެރޭގައި ފަތުރުވެރިކަމަށް އިތުރު ރަށްތަކެއް ބީލަމަށް ހުޅުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީ ހާމަކުރާގޮތުގައި މިބުރުގައި 9 އަތޮޅަކުން ފަތުރުވެރިކަމުގެ 14 މަޝްރޫޢެއް އިއުލާން ކުރުމަށްވަނީ ހަމަޖެހިފައެވެ. ރިސޯޓު ހެދުމަށް މިރަށްތައް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުއެވެ.
ފަތުރުވެރިކަމަށް ރަށާއި ފަޅު ދޫކުރުމަށް ހަމަޖެހިފައިވާ އަތޮޅުތައް:
- ހއ އަދި ހދ އަތޮޅު – 3 މަޝްރޫޢު
- މ. އަތޮޅު – 1 މަޝްރޫޢު
- ތ. އަތޮޅު – 1 މަޝްރޫޢު
- ގއ. އަތޮޅު – 2 މަޝްރޫޢު
- ގދ. އަތޮޅު- 3 މަޝްރޫޢު
- ކ. އަތޮޅު – 1 މަޝްރޫޢު
- ފ. އަތޮޅު – 2 މަޝްރޫޢު
- ރ. އަތޮޅު – 1 މަޝްރޫޢު
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭވަނީ އައު 5 ރިސޯޓު ހުޅުވާފައެވެ. އަދި މިއަހަރުތެރޭ އައު 9 ރިސޯޓު ހުޅުވިގެންދާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިކަމަށްވަނީ ޖުމްލަ 59608 އެނދު ނެރެފައެވެ. މިއީ 1207 ފެސިލިޓީއަކުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދެވެ.
އެންމެ ގިނަ އަދަދަކަށް ފަތުރުވެރިކަމަށް އެނދު ނެރެފައިވަނީ ރިސޯޓުތަކުންނެވެ. ރާއްޖޭގައި މިހާރު 168 ރިސޯޓަކުން ޖުމްލަ 41049 އެނދު ވަނީ ފަތުރުވެރިކަމަށް ނެރެފައެވެ.


