މުއްދަތު ހަމަވެފައިވާ ލިޔުންތައް، އަންނަ ފެބްރުއަރީ 22ން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބަލައިނުގަންނާނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން ބުނެފިއެވެ.
މުއްދަތު ހަމަވެފައިވާނަމަ ފެބްރުއަރީ 22 އިން ފެށިގެން ބަލައިނުގަންނާނެ ރަސްމީ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ ޕާސްޕޯޓާއި، ވޯކް ވިސާ ކާޑާއި، ލައިސަންސް ކާޑާއި، އެއާޕޯޓް ސެކިއުރިޓީ ފާހާއި، ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުންތަކުގެ އިތުރުން އައިޑީކާޑެވެ.
މުއްދަތު ހަމަވެފައިވާ ލިޔުންތައް އެތެރޭގެ އުދުހުމުގައި ބޭނުންކުރެވޭނެގޮތަށް މޯލްޑިވިއަންއިން ނިންމީ ކޮވިޑް-19ގެ ތެރޭގައި އައިޑީކާޑު ހެއްދުމުގައި ދިމާވި ދަތިތަކާއެކު، ދަތުރުފަތުރުގެ ލުއިފަސޭހަކަމެއް ހޯދައިދިނުމަށެވެ.


