ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ އެޕާޓީން ހައިކޯޓަށް ހުށައަޅައިފިއެވެ.
ޑިއާރުޕީ އުވާލަން ނިންމާ އެޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަަކާތެއް ނުހިންގަން އިލެކްޝަންސް ކޮމިޝަނުން އެނގީ މިދިޔަ ޑިސެމްބަރުމަހުގެ 13 ވަނަދުވަހުއެވެ. އެޕާޓީ އުވާލީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ އެ އަދަދަށް މެމްބެރުން ހަމަކުރުމަށް 3 މަހުގެ މުއްދަތެއް ދިނުމުންވެސް އެކަން ނުވުމުންނެވެ. ޤާނުނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ހިންގޭނީ އެ ޕާޓީއެއްގައި މަދުވެގެން 3000 މެމްބަރުން ހަމަވާނަމައެވެ.
އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ދަފްތަރަށް ބަލާއިރު ޑީއާރުޕީގެ މެމްބަރުންގެ ގޮތުގައި ތިބީ 2483 މެމްބަރުންނެވެ.
ޑީއާރުޕީ އުވާލަން ނިންމި މައްސަލަ އެ ޕާޓީން ކޯޓަށް ހުށައެޅީ އިއްޔެއެވެ. އެހެންނަމަވެސް އެ މައްސަލަ ބަލައިގަތުމާއި ގުޅޭގޮތުން އެކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ޕާޓީތަކާއި ގުޅޭ މައްސަލަތައް ފުރަތަމަ ބެލޭނެ މަރުހަލާއަކީ ހައިކޯޓެވެ.


