600 ރުފިޔާގެ ފީއަކާއެކު ނިއުރޭޑިއަންޓުން ހަނިމާދޫގައި ހިންގުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މަހު ފީއެއްގެ ގޮތުގައި 300 ރުފިޔާ ނެގުމަށް ނިންމާފައިވާއިރު، އެޕްލިކޭޝަން ފޯމާއިއެކު އަލަށް ވަންނަ ކޮންމެ ކުއްޖެއްގެ އަތުން އެކަޑަމީ ފީއެއްގެ ގޮތުގައި 300 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މި އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ މާޗް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ބައިވެރިވާން ބޭނުންވާ އެޕްލިކޭޝަން ފޯމް ރަސްމީ ގަޑިތަކުގައި ހަނިމާދޫ ކައުންސިލުން ލިބިލައްވާނެއެވެ.
މި އެކަޑަމީން ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ 7 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ފިރިހެން ކުދިންނަށެވެ.
ނިއުރޭޑިއަންޓުން ފުޓްބޯޅަ އެކަޑަމީ ހިންގުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ކްލަބުގެ ފަރާތުން ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީ ކުރުމާއި ފުޓްބޯޅައަށް މޮޅު ކުޅަދާނަ ދަރިންތަކެއް އުފެއްދުމެވެ.


