ޓްރާންސްޕޯޓް މިނިސްޓްރީގެ “ސިމްސް ކަސްޓަމަރ ޕޯޓަލް” އާއެކު ޑިޖިޓަލް ލައިސަންސްގެ ޚިދުމަތް ފަށައިފިއެވެ. މިޚިދުމަތް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ތަޢާރަފުކުރި މިޕޯޓަލްއަކީ އެވުޒާރާގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އާއްމުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށް އިފްތިތާޙުކުރި ޕޯޓަލްއެވެ.
“ސިމްސް ކަސްޓަމަރ ޕޯޓަލް” ބޭނުންކުރެވޭނީ ދަޢުލަތުގެ އީފާސް ނިޒާމުގެ ތެރެއިންނެވެ. އިފާސް ލޮގިންއާއިއެކު މިޕޯޓަލްއަށް ވަނުމުން، ލައިސަންސް އޮންނަ މީހެއް ނަމަ ޑިޖިޓަލް ލައިސަންސް މިހާރު ބަލާލެވޭނެއެވެ.
ޑިޖިޓަލް ލައިސަސްގެ އިތުރުން، ޕޯޓަލްއަށް ލޮގިން ވުމުން ލައިސަންސާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައްވެސް ލިބޭނެއެވެ. އެގޮތުން ލައިސަން ނެގުމަށް ހުށައެޅުމާއި އަދި ޕްރޮސެސްވަމުންދާ ފޯމުތައްވެސް ފެންނާނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވީ ކުރިއަށް އޮތްތާންގައި އެ މިނިސްޓްރީގެ މައިގަނޑު 7 ޚިދުމަތެއް ސިމްސް ޕޯޓަލްގެ ތެރެއިން ލިބޭގޮތް ހަދާނެކަމަށެވެ. ސިމްސް އަށް ލޮގިން ވެވޭނީ sims.transport.gov.mv އެވެ.


