މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަތުރު ދިޔުމަށް ތަރައްޤީކުރި ކުޑަގިރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ރަސްމީކޮށް ހުޅުއްވާދެއްވައިފިއެވެ.
އެ ރަށް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ޢާންމުން ވެސް ބައިވެރިވެ އެވެ.
މެނޭޖްކޮށް ބެލެހެއްޓުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައިާ މި ރަށުން ކޮންމެ ދުވަހަކު ވެސް 500-600 މީހުންގެ ޕިކްނިކް ދަތުރަށް ފުރުސަތު ދެވޭނެ އެވެ. މި ރަށަކީ ލޯންޗަކުން މާލޭން ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ހިއްކައިގެން ތަރައްގީކޮށްފައިވާ ރަށެކެވެ.
ދަތުރުދާ މީހުންނަށް ބޭނުންވާ މައިގަނޑު ހުރިހާ ވަސީލަތްތަކާ އެކީ ކުޑަގިރި ހުޅުވި އިރު، އަށް ހެކްޓަރުގެ ރަށުގައި 1.5 ހެކްޓަރުގެ ފިނޮޅެއް ވެސް ހަދާފައިވެ އެވެ. ރަށް ބަލަހައްޓާ އޮފީހަކާއި މިސްކިތާއި ފާޚާނާ ބަރިއަކާއި، ކެފޭ އާއި ފިހާރަ އަދި ހަޓުތަކާއި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތައް ފަދަ އެތައް ކަމެއް މި ރަށުން ލިބެން ހުންނާނެ އެވެ.


