ހުޅުމާލެއާއި ހދ. ހަނިމާދޫގައި ވަޤުފު އިމާރާތެއް ހަދަން ނިންމައިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ، ހުޅުމާލޭގައި ވަގްފް އިމާރާތް އެޅުމަށް ފޭސް 1އިން ބިން ހަމަޖެހިފައިވާ ކަމަށާއި ހަނިމާދޫގައި ވަގްފް އިމާރާތް އެޅުމަށް އެރަށު ކައުންސިލުން ބިން ހަމަޖައްސާދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހުޅުމާލޭގައި ވަގްފް އިމާރާތް އެޅުމަށް އިމާރާތް ކުރަހައި އެކަމާއި ގުޅުންހުރި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އެއިމާރާތުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ ވަގްފް ގާނޫނު ވުޖޫދުވެގެން އަންނައިރު ވަގްފް އިމާރާތްތައް ގާއިމްވެފައި ހުރުންކަމަށާއި އެކަން އާލާކޮށް ދިރުވުމަށް މަސައްކަތްކުރުން ކަމަށެވެ.
ވަގްފް ގާނޫނު ވުޖޫދުކުރުމަށް މިނިސްޓްރީން ވަނީ ބިލެއް ޑްރާފްޓްކޮށްފައެވެ. އަދި ވަރަށް ކައިރި މުސްތަގްބަލެއްގައި ބިލުގެ ޑްރާފްޓް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާނެކަމަށް ވިދާޅުވިއެވެ.


