ތުރުކީ އާއި ސީރިއާއަށް އައި ބާރު ގަދަ ބިންހެލުމުގައި ހާލު ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ފޮނުވާ އެއް މިލިއަން މަސް ދަޅުގެ ފުރަތަމަ ޝިޕްމަންޓް ހޮނިހިރު ދުވަހު ތުރުކީއަށް ފޮނުވައިފިއެވެ.
އެކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ފުރަތަމަ ބެޗްގެ ދަށުން ފަސް ލައްކަ މަސް ދަޅު ފޮނުވާފައިވާކަމަށެވެ. ރާއްޖޭގެ ސަރުކާރުގެ ފަރާތުން މި ޝިޕްމަންޓް ވަނީ ފޮރިން ސެކެޓްރީއަށް އަރުވާފައެވެ.
ޓާކިޝް އެއާލައިންގައި އެއް މިލިއަން މަސްދަޅު ފޮނުވުމަށް ހަމަޖެހިފައިވަނީ ފަސް ޝިޕްމަންޓަކަށް ބަހާލައިގެންކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ހުރިހާ މަސް ދަޅުތަކެއް މަރޗް 10ގެ ނިޔަލަށް ފޮނުވާ ނިންމާލެވޭނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.


