މޯބައިލް ފޯނެއް މަރާމާތުކުރުމަށް ފަހު އަގު ދެއްކުމުގެ ބަދަލުގައި، ފޭކް ޓްރާންސްފާ ސްލިޕެއް ފޮނުވި ތިން މީހަކު ހޯދަން ފުލުުހުން މިއަދު ވީޑިއޯއެއް އާއްމުކޮށްފި އެވެ.
ފުލުހުން މިއަދު އާއްމުކުރި ވީޑިއޯގައި ފާހަގަކޮށްފައިވާ މީހުންނަކީ އަޅިވިލާ މަގުގައި ފްރީޑަމް މޯބައިލް ފޯނަކަށް ސަރވިސް ކުރުމަށްފަހު އަގުއަދާކުރުމުގެ ގޮތުން ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވި މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ ބައެކެވެ.
އެ ވީޑިއޯއިން ފެންނަ ތިން މީހުންނަކީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި މި ތިން މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.


