މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބުނީ މިދިޔަ ޖަނަވަރީ 4 ވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ކުއްޅަވައް ގޯޅި ތެރޭގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ ކުރީ ޕޮކެޓްގައި ބޭއްވިފައި އޮތް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް މީހަކު ހޯދަން ބޭނުންވެ ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ގޮތުން ފުލުހުން މިއަދު ވަނީ އޭނާ ފެންނަ ވީޑިއޯ ކްލިޕެއް އާންމުކޮށްފައެވެ. އަދި ވީޑިއޯއިން ފެންނަމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.


