ދިވެހި ސަރުކާރާއި ގާނާގެ ސަރުކާރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ލަންޑަންގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ފޮރިން އެފެއާޒް މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.
މި ދެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދެވެ. އަދި ގާނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ރީޖަނަލް އިންޓަގްރޭޝަން، ޝަރްލީ އަޔޯރްކޯރ ބޮޗްވީއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ލަންޑަންގެ މާލްބަރޯ ހައުސްގައެވެ.
ދިވެހިރާއްޖެއާއި ގާނާއާ ދެމެދު ސޮއިކުރި ދެ އެއްބަސްވުމަކީ ދިވެހި ސަރުކާރާއި ގާނާގެ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ވިސާގެ ކަންކަން މިހާރަށްވުރެ ފަސޭހައިން ހަމަޖެއްސުމާއި، ދެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން ފޯރުކޮށްދިނުމާގުޅޭގޮތުން ވެވުނު ދެ އެއްބަސްވުމެކެވެ.
މި އެއްބަސްވުންތައް އެކުލަވާލެވިފައިވަނީ ދެޤައުމުގެ ޚާރިޖީ ވުޒާރާތަކުގެ މެދުގައި އެކި ފަހަރުމަތިން ކުރެވުނު މަޝްވަރާތަކަށްފަހުކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ވިސާގެ ލުއިފަސޭހަތަކާއެކު ދެ ޤައުމުގެ ދެމެދު އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ދިވެހިރާއްޖެއިން ގާނާއާއެކު ސިޔާސީގޮތުން ގުޅުން ޤާއިމްކުރީ 10 އޮގަސްޓް 1989 ގައެވެ. މިއަހަރު މި ގުޅުމަށް 34 އަހަރު ފުރޭނެއެވެ.


