ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ރިޔާސީ ރޭހުގައި ވާދަކުރެވޭ ލެވެލްގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ގާސިމް އިބްރާހިމް ކަމަށް އޭނާގެ ސްޕެޝަލް އެންވޯއި އަދި މަޖިލީހުގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ދާއިރާ ރައީސުން ހޮވަން ކޮމިޓީއެއް އެކުލަވާލައި، ދާއިރާތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާކަން އިއުލާންކޮށް، މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްހާމް ވިދާޅުވީ ޖޭޕީ އިސްވެ އޮވެ ރިޔާސީ ރޭހުގައި ވާދަކުރަން ނިންމި ނަމަވެސް އެ ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ޕާޓީތަކަށް ވެސް އޮންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޖޭޕީއަކީ މާބޮޑު ޕާޓީއަކަށް ނުވިޔަސް ޖޭޕީ ތަފާތުވަނީ އެ ޕާޓީގެ ލީޑަރަކީ ރާއްޖޭގެ އެކި ދާއިރާތަކުން މަސައްކަތް ކުރައްވައި ތަޖުރިބާ ހުންނެވި ބޭފުޅަކަށްވާތީ ކަމަށެވެ. ސިޔާސީ ރޭހުގައި ވާދަކުރެއްވޭނެ އެންމެ ތަޖުރިބާ ހުންނެވި ބޭފުޅަކީ ވެސް ގާސިމް ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާނީ ކޮން ބޭފުޅެއްތޯ ނޫސްވެރިން ސުވާލުކުރުމުން އިލްހާމް ވިދާޅުވީ އިދާރީ ގޮތުން އެކަން ސާފުނުވާ ކަމަށެވެ. އެހެންވެ، މިހާތަނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގާސިމް ނިންމެވިކަމެއް ވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ.


