ރާއްޖޭގެ އާބާދީގެ ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެއް ރާއްޖޭގައި އުޅޭކަމަށް މިދިޔަ އަހަރު ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ހަރަކާތުގައި އެއްކުރެވިފައިވާ މައުލޫމާތުތަކުން ހާމަވެއްޖެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްޓިކްސްއިން އެންމެފަހުން އާއްމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ރާއްޖޭގެ ޖުމްލަ އާބާދީގައި 515،122 (ފަސްލައްކަ ފަނަރަ ހާސް ސަތޭކަ ބާވީސް) މީހުން ތިބިއިރު މީގެ ތެރެއިން 382،751 (ތިން ލައްކަ އައްޑިހަ ދެހާސް ހަތް ސަތޭކަ ފަންސާސް އެކެއް) މީހުންނަކީ ދިވެހިންނެވެ. ބާކީ 132،371 (ތިން ލައްކަ ތިރީސްދެހާސް ތިން ސަތޭކަ ހަތްދިހަ އެކެއް) މީހުންނަކީ ބިދޭސީންނެވެ.
ބިދޭސީންގެ އާބާދީގެ ތެރެއިން 39 އިންސައްތަ ދިރިއުޅެނީ މާލޭގައެވެ. އަތޮޅުތެރޭގެ ރަށްރަށުގައި 25 އިންސައްތަ މީހުން ދިރިއުޅޭއިރު، 28 އިންސައްތަ ދިރިއުޅެނީ ރިސޯޓުތަކުގައެވެ. އަދި ބާކީ ނުވަ އިންސައްތަ ދިރިއުޅެނީ ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައެވެ.
ޖުމްލަ އާބާދީގެ 41 އިންސައްތަ ދިރިއުޅެނީ މާލޭގައެވެ. އަދި 46 އިންސައްތަ މީހުން ދިރިއުޅެނީ އަތޮޅު ތެރޭގައެވެ. ދިހަ އިންސައްތަ މީހުން ރިސޯޓުތަކުގައި ދިރިއުޅޭއިރު ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައި ތިން އިންސައްތަ މީހުން ދިރިއުޅެއެވެ. މާލޭގައި ދިރިއުޅޭ މީހުންގެ ޖުމްލަ އަދަދަކީ 212،138 އެވެ. އަތޮޅުތެރޭގައި 236،747 މީހުން ދިރިއުޅެއެވެ. އަދި 500 މީހުން ހަމަނުވާ 40 އަށް ވުރެ ގިނަ ރަށް މިހާރު ވެސް ރާއްޖޭގައި އެބައޮތެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި 2014 ވަނަ އަހަރަށް ފަހު ރާއްޖޭގެ އާބާދީ އިތުރުވަމުން އައިސްފައިވަނީ އަހަރަކު 1.5 އިންސައްތައިގެ ރޭޓުންނެވެ.


