މާލޭގެ ގެއެއްގައި ކެމިކަލް ގުދަނެއް ހަދާފައި ހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. މިއީ މާލެއިން ކެމިކަލް ގުދަންތައް ބޭރުކުރި ފަހުން، މިފަދަ ތަނެއް ހުރިކަން ފަޅާއެރި ފުރަތަމަ ފަހަރެވެ.
އެ ގުދަނުގައި ހުރި ތަކެއްޗާއެކު ފޮޓޯތަކެއް ސޯޝަލް މީޑިއާގައިވެސް ވަނީ އާންމުވެފައެވެ. ފޮޓޯތަކުން ފެންނަގޮތުގައި ކެމިކަލް ގުދަން ހުރީ ލިލީ މަގުގައެވެ.
އެއްވެސް ބާވަތެއްގެ ކެމިކަލެއް މާލޭގެ އެއްވެސް ތަނެއްގައި ގުދަންކުރުމަކީ މިހާރު މަނާ ކަމެކެވެ. ކެމިކަލް ގުދަންކުރަން ސަރުކާރުން ވަނީ ހުޅުމާލެއިން ބިން ހަމަޖައްސައިދީފައެވެ.
މާލޭގައި ކެމިކަލް ގުދަންކުރުން މަނާކުރީ ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް ފަހުއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ކެމިކަލް ގުދަން ފުލުހުންގެ ސަމާލުކަމަށް ގެނެވި، ފުލުހުން އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.
އެމްއެންޑީއެފްއިން ވަނީ އެތަނުގެ އިނީޝިއަލް އިންސްޕެކްޝަނެއްވެސް މިހާރު ހަދާފައެވެ. އަދި އެ ތަނުގައި ބައެއް ތަކެތި ގުދަން ކޮށްފައި ވަނީ ގަވާއިދާއި ހިލާފަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.


