ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ، ދަޢުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ޤާނޫނީ އިޖުރާއަތްތަކުގެ ބޭރުން ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމް ކޮށްފައިވަނީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ. ރައީސް ޔާމީންގެ ފަރަތްޕުޅުން މިމައްސަލައިގައި ކުރި އިސްތިއުނާފުގެ އަޑު އެހުންތަކަށްފަހު މިއަދު ކުރި ހުކުމުގައި ވަނީ މައުޟޫއީ މައްސަލައިގެ ހުކުމުގައި ކުށްކޮށްގެން ހޯދި ކަމަށް ދައުލަތުން ބުނާ މުދަލާއި ފައިސާ ނެގުމަށް ހިމަނަފައި ނެތުމުން އަލުން އަމުރަކަށް އެދެވިދާނެ ޤާނޫނީ ހަމައެއް ދައުލަތަށް ބުނެދެވިފައި ނުވާކަމަށެވެ.
ހައިކޯޓުން އިއްވި ހުކުމުގައި ވަނީ އާރަށުގެ މައްސަލައިގައި ހުކުމް ކުރި ފަހުން މާފަހުގެ މަރުހަލާއެއްގައި ފައިސާ ދައްކަން އަމުރު ނެރުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށެވެ. އެއީ އިޖުރާއީ އައިބެއް ކަމަށް ދައުލަތުން ބުނި ނަމަވެސް އެކަން އޮތީ ދައުލަތުން އެބުނާ އިޖުރާއީ އައިބެއްގެ ގޮތުގައި ނޫން ކަމަށް ހުކުމުގައި ވެއެވެ. ހައިކޯޓުގެ ހުކުމުގައި ވެސް ވަނީ ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ހުކުމަށް ދެމަސް ދުވަސްވާން އުޅެނިކޮށް ދައުލަތުން ފޮނުވި ސިޓީއަކަށް ފަހުގައިކަން ފާހަގަކޮށް، އެއީ ކޯޓުތަކުން މައްސަލަތައް ބަލަން އޮންނަ އުސޫލު ނޫންކަން ފާހަގަކޮށްފައެވެ.


