ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު، ޤާސިމް ޙަސަން މަރާލުމުގެ ކުށް ސާބިތުވެފައިވާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުޙައްމަދު މަރަން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ޤާސިމްގެ މަރާއި ގުޅިގެން ހުރިހާ ވާރިސުންގެ ހެކިބަސް ނަގާފައިވެއެވެ. ޤާސިމްގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި މިވަގުތު ތިބި އޭނާގެ ފަސް ދަރިން ވަނީ މަރަށް މަރު ހިފުމަށް އެދޭކަމަށް ބުނެފައެވެ. އަދި މި މައްސަލަ ބެއްލެވި ޤާޟީ ޢަލީ ނަދީމް ވަނީ މަރަށް މަރުހިފުމަށް ޤާސިމްގެ ވާރިސުން އެދިފައިވާތީ އަދުހަމް މަރަން ޙުކުމްކޮށްފައެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އަދުހަމް، ޤާސިމަށް ވަޅިއަކުން ހަމަލާދީ މަރާލާފައިވަނީ ދަތުރެއްކުރުމަށް ކަމަށް ބުނެ ޓެކްސީއަށް އެރުމަށްފަހު ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. ޤާސިމްގެ މަރާއި ގުޅިގެން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ.


