ނަޢީމާ މޫސާގެ މަރުގެ މައްސަލަ ތަހުޤީގުކުރާ ފުލުހުންގެ ޓީމުގެ މަސައްކަތާއިމެދު ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މިމަހުގެ 7 ވަނަ ދުވަހު މަނަދޫގައި މަރުވެފައި އޮތްވާ ފެނުނު ނ.މަނަދޫ އަންނާރުމާގެ ނަޢީމާ މޫސާގެ މަރުގެ މައްސަލާގައި ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް ދަނީ މަނަދޫގައި މިހާރުވެސް ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ތަހުޤީޤާއި ގުޅޭގޮތުން މިހާތަނަށް ފުލުހުން މާގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަނަދޫ ހަރަކާތްތެރިވާ ފުލުހުންގެ ތަހުޤީޤު ޓީމުން ދަނީ ވަރުބަލިކަމެއް މަސައްކަތްކުރަމުންކަމަށެވެ. އަދި ނައީމާގެ މަރުގެ ފަހަތުގައިވާ މީހަކު ނުވަތަ މީހުން ހޯދުމަށް ހަރަކާތްތެރިވާ އިންވެސްޓިގޭޓަރުން، ފްރޮންސިކް އަދި މަނަދޫ ޕޮލިސްގެ ފުލުހުންގެ މަސައްކަތާއިމެދު ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ހަމީދު ވިދާޅުވިއެވެ.
ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން ނައީމާގެ މަރުގެ ތަހުގީޤު ފުލުހުން ކުރިއަށް ގެންދަނީ ބަޔަކު ނުވަތަ މީހަކު އެނާ މަރާލާފައިވާކަމަށް ބަލައިގެންނެވެ.
މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް މައްސަލާއިގެ ތަޙްޤީޤަށް އެރަށު ބައެއް މީހުންގެ ސާމްޕަލް ފުލުހުން ވަނީ ނަގާފައެވެ.


