ޕްލާސްޓިކް ކޮތަޅުން މިއަދުން ފެށިގެން ފީ ނަގަން ފަށައިފި އެވެ.
ކަސްޓަމަރުންގެ އަތުން 2 ރުފިޔާ ނެގޭގޮތަށް ކުނި މެނޭޖްކުރުމުގެ ބިލަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ތަސްދީޤު ކުރެއްވީ 18 ޑިސެމްބަރ 2022 ގައެވެ.

މޯލްޑިވްސް އިންލޭޑް ރެވެނިއު އޮތޯރިޓީއިން ވިދާޅުވީ، ޕްލާސްޓިކް ކޮތަޅު ބޮނޑިއެއް ވިއްކި ނަމަވެސް ނުވަތަ ހިލޭ ދިން ނަމަވެސް، އެ ކޮތަޅު ބޮނޑީގައި ހިމެނޭ ކޮންމެ ކޮތަޅަކަށް -/2 ރުފިޔާގެ ރޭޓުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެކަމަށެވެ. އަދި ޕްލާސްޓިކް ކޮތަޅު ބޮނޑި ވިއްކާ ފަރާތަކީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ، އޭގެ އަގުން ޖީ.އެސް.ޓީވެސް ނަގަންވާނެކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.
ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަން ނުޖެހޭ ކޮތަޅަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އަދަދެއް ނަގައިގެންނުވާނެކަމަށް މީރާއިން ވިދާޅުވެއެވެ. އަދި ނަގަންޖެހޭ ޢަދަދަށްވުރެ އިތުރަށް ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ޢަދަދެއް ނަގައިގެންނުވާނެކަމަށާއި، އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ވިޔަފާރި ހަރަކާތް ހިންގާ ފަރާތުން އެ އަދަދު އަނބުރައި ކަސްޓަމަރަށް ރައްދުކުރަން ޖެހެއެވެ.
ޕްލާސްޓިކް ކޮތަޅުގެ ފީ ނެގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި މީރާ އިން އެކުލަވާލި “ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު” ގެޒެޓްކޮށްފައިވަނީ ފެބްރުއަރީ 22 ވަނަ ދުވަހު އެވެ.
މި ފީ ނަގުމުން އިސްތިސްނާވާ ވިޔަފާރިތަކެއް ވެސް ހިމެނެ އެވެ. އެއީ:
- ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮތަޅު
- ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް ބަންދުކުރާ ކޮތަޅު
- ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާ ބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ދޫކުރާ ނުވަތަ ވިއްކާ ޑަސްބިން ކޮތަޅު


