131 ވަނަ ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން މިރޭ މާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ ސިފައިންގެ ދުވަހުގެ މުނާސަބާގައި މިއަދުގެ ހަވީރު 16:00 އިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ޝަރަފްގެ ހިނގާލުން އޮންނާނެކަމަށެވެ.
އަދި މީގެ އިތުރުން މިރޭގެ 20:00 އިން ފެށިގެން ޖުމްހޫރީ މައިދާނުގައި ޢާންމުންނަށް ހުޅުވާލައިގެންވާ ބާއްވާ ޑިސްޕްލޭގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ހަވާއެރުވުމަށްވެސް ހަމަޖެހިފައިވާާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ހަވާ އެރުވުން އޮންނާނީ މިރޭގެ 20:20 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ.


