ނ. ކެނދިކުޅުދޫގައި ހެދުމަށް ހަމަޖެހިފައިވާ ގޭދޮށު މަސް ފެކްޓަރީގެ މަސައްކަތް ކުރުމަށް ހަނދު އިންވެސްޓްމަންޓާ ޙަވާލުކުރައްވައިފިއެވެ.
4.4 މިލިޔަނަށް ރުފިޔާ ޚަރަދުކުރައްވައިގެން ހިންގަވާ މި މަޝްރޫޢުގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކުރެއްވީ ހަތްމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ކެނދިކުޅުދޫ ކައުންސިލުން ވިދާޅުވީ އެ ރަށުގައި ގޭދޮށު މަސް ފެކްޓްރީ އެޅުމުގެ މަޝްރޫޢަކީ އެ ކައުންސިލުން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢު ކަމަށެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ކެނދިކުޅުދޫގައި ގޭދޮށު މަސް ފެކްޓަރީ އެޅުމަށް ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރެއްވީ ފެބްރުއަރީ 2021 ގައެވެ.
ރަށް ރަށުގައި ގޭދޮށު މަސް ފެކްޓަރީ ހެދުމަކީ މިސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިއްމު ވައުދެކެވެ. އައްޑޫސިޓީ އާއި މ.އަތޮޅުގައިވެސް ގޭދޮށު މަސްފެކްޓްރީ ތަރައްޤީކުރުމުގެ މަޝްރޫޢު ވަނީ ހިންގަވައިފައެވެ. އަދި ގައްދޫގައި ވެސް ގޭދޮށު މަސްފެކްޓްރީއެއް ހެދުމަށް ސްރީލަންކާގެ ކުންފުންޏަކާ ވަނީ ޙަވާލުކޮށްފައެވެ.


